ޙަބަރު

މިދިޔަ މަހު މަސްވެރިންނަށް ޖުމްލަ 30 މިލިއަން ރުފިޔާ ދޫކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު

މިދިޔަ އޮކްޓޫބަރު މަހުގައި މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކަޅުބިލަ މަހުގެ 1،354.77 ޓަނަށް 30،007،339 ރުފިޔާ މިދިޔަ މަހު ދޫކޮށްފައިވާ ކަމަށެވެ. އެއީ 462 ދޯންޏަކަށް ދޫކޮށްފައިވާ ވަރު ކަން ވެސް މިފްކޯގެ ތަފާސް ހިސާބުތަކުން އެނގެއެވެ.

މިދިޔަ މަހު 15 ކިލޯއިން މަތީގެ ކަންނެލީގެ 1.23 ޓަނުގެ މަސް ކިޔާފައިވާ ކަމަށް ވެސް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މަސްތަކަށް ވެސް 30،700 ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 5 ދޯޏަކަށް ދޫކޮށްފައިވާ ވަރުކަން އެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންވެ ޖުމްލަ 30،038،039 ރުފިޔާ މިފްކޯއިން މިދިޔަ މަހު މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

މިއީ ސެޕްޓެންބަރު މަހާ އަޅާ ބަލާއިރު 2.7 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ. ސެޕްޓެމްބަރު މަހުގައި ކިރާފައިވަނީ ޖުމްލަ 1.288.42 ޓަނުގެ މަހެވެ. އެއީ ޖުމްލަ 453 ދޯންޏަކުން ކިރާފައިވާ ވަރެވެ.

މިއަދަދުތަކުން ދައްކުވައިދެނީ މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމެވެ. މި އަހަރުގައި މަސްވެރިކަށް އެންމެ ދަށްކޮން ދައްކަނީ ޖޫން މަހުގައެވެ. އެ މަހުގައި ކިރާފައި ވަނީ 568 ޓަނުގެ މަހެވެ. އަދި މަސްވެރިންނަށް ދޫކޮށްފައި ވަނީ 11.33 މިލިއަން ރުފިޔާއެވެ.

މަސްކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުވާނެ ގޮތައް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ޝެއާ

ކޮމެންޓު